Tuesday, 28 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ގާނޫނުއަސާސީ ބަދަލު ކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް: ނަޝީދު

ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު އުފެދިފައިވާ ގާނޫނީ ބަހުސްގެ ތެރެއަށް ވަންނަވައި، ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ލަފާ ކުރައްވާ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުންނާއި ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. މި މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އަދި އެގޮތަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެފަދަ ދުސްތޫރީ މައްސަލައެއް ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، މައްސަލަ ކުރިއަށް ގެންދަން ނިންމާފަ އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ ގާނޫނުއަސާސީގެ އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައިން ބޭރުވެފަ އެވެ. އެ އިސްލާހާ ދެކޮޅަށް ބަޔާން ނެރެ، އަދި ކޯޓުގައި އޮތް މައްސަލައަށް ތަދައްހުލުވުމަށް ފަހު، އެ ޕާޓީން މައްސަލައިން ބޭރުވީ ކުއްލިއަކަށެވެ.

ގާނޫނުއަސާސީގެ ނަޒަރުގައި ގާނޫނުއަސާސީ ބަދަލުކުރާ ނަމަ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *