މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މެނޭޖުމަންޓު ޕާފޯމަންސް ރިވިއުކޮށް، ތިން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ރައީސްގެ އިސްލާހީ އެޖެންޑާގެ ދަށުން އެ ކުންފުނީގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން މެނޭޖުމެންޓުގެ މަސައްކަތްތައް ބަލަމުން އަންނަ ކަމަށެވެ. އެގޮތަށް ބެލުމަށްފަހު، ގެންނަން ޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް ގެނައުމުގެ މަސައްކަތްތައް މިހާރު ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެ ގޮތުން މިފްކޯއަށް ރާއްޖެއިން ބޭރުގެ ސީއީއޯ އެއް އައްޔަން ކޮށްފައި ވަނީ ވެސް ކޮރަޕްޝަން ހުއްޓުވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މިފްކޯއިން ވަކިކުރި ޖެނެރަލް މެނޭޖަރުންނާއި އެ މީހުންގެ މަސައްކަތާ ގުޅޭ އިތުރު މައުލޫމާތެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.


