ރާއްޖޭގައި ހިންގަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ހުއްދަ ދީފައިވާ ޕްރޮގްރާމްްތައް ރާއްޖެއިން ބޭރުގައި ހިންގައިގެން ދޫކުރާ ސަނަދުތައް ގަބޫލު ނުކުރާނެކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
އެމްކިއުއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެމްކިއުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އޮތޯރިޓީން ގަބޫލު ނުކުރާ ބޭރުގެ ބައެއް މަރުކަޒުތަކުގައި ހިންގަމުންދާ ކަމަށެވެ. އަދި އެފަދަ މަރުކަޒުތަކުގައި އެ ޕްރޮގްރާމްތައް ހިންގާ އިޝްތިހާރުކޮށް ސަނަދު ވެސް ދީފައިވާ ކަމުގެ މައުލޫމާތު ރާއްޖެއިން ބޭރުގެ ކަމާ ބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ނަމަވެސް އެމްކިއުއޭގެ އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ބޭރުގެ މަރުކަޒުތަކުން ހިިންގައި ދޫކުރާ ސެޓްފިކެޓް ގަބޫލު ނުކުރާނެ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.
"ވުމާއެކު ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ޕްރޮގްރާމްތައް ހިންގަމުން ދިއުމަކީ މި އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެކެވެ،" އެމްކިއުއޭގެ ބަޔާނުގައި ބުންޏެވެ.
އަދި އެކަމާ ގުޅިގެން ދަރިވަރުންނަށް ލިބޭ ގެއްލުންތަކުގެ ޒިންމާވެސް ނުނަގާނެ ކަމަށް އެމްކިއުއޭއިން ބުނެފައި ވެއެވެ.


