Wednesday, 29 July 2026

ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މެންބަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތައުލީމަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.

އިސްލާމިކް ޔުނިވާސިޓީއިން ބުނީ މިހާރު ފަށައިފައި ވަނީ އެޑްވާންސް ސެޓްފިކެޓްއިން ޝަރިއްޔާ އެންޑް ލޯކަމަށެވެ. މި ކޯހަކީ އެއް އަހަރު ދުވަހުގެ ކޯހެއް ކަމަށް ވެސް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.

މި ކޯހުގައި ބައިވެރިވާ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ޔުނިވާސިޓީގެ އިސްވެރިން އަދި ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރަރުންނާއެކު އިއްޔެ އައިޔޫއެމްގެ އިދާރާގައި ހާއްސަ ބައްދަލުވުމެއް ބާއްވާފައިވެ އެވެ.

އެބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ. އައިޔޫއެމް ގައި ބޭއްވުނު ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އެފަދަ ކޯހެއް މެންބަރުންނަށް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތައުލީމު ހާސިލުކޮށްފައިވާ އިލްމީގޮތުން ގާބިލު މެންބަރުންތަކެއް ތިބި އަދި އިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހެއްގެ ގޮތުގައި ހެއްދެވުމަށް ބޭނުންވާތީ ކަމަށެވެ.

މި ކޯހަކީ މަޖިލިސް މެންބަރުންނަށް ވަކި ޝެޑިއުލެއްގެ މަތިން އޮންލައިންކޮށް ކުރިޔަށްގެންދާ ކޯސްއެއްކަމަށާއި މިހާރު ކުރިޔަށް ގެންދާ ބެޗާއެކު އެ މެންބަރުންނަށް ވެސް ސެޓްފިކެޓް ލިބޭނެކަމަށް އިސްލާމިކް ޔުނިވަސިޓީއިން ވަނީ ބުނެފައެވެ.

އެއާއެކު ވަރަށް އަވަހަށް މި މަހުގެ ތެރޭގައި މަޖިލީސް މެންބަރުންނަށް ޚާއްސަ ޑިގްރީ ޕްރޮގްރާމްއެއް ފެށިގެންދާނެކަމަށް ވެސް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *