ބ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ބ. މާރިކިލުން މަސްތުވާތަކެއްޗާ އެކު 9 މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ބ. މާރިކިލުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ކަމަށް އެ މުއައްސަސާފައިން ބުންޏެވެ.
ހައްޔަރުކުރި މީހުންގެ ވަނަވަރުވެސް ފުލުހުން އާއްމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި 6 ބިދޭސީންވެސް ހިމެނޭ އެވެ.
އެއީ:
މ. ޖަވާހިރުވާދީ، އަލްޙާން ރަޝީދު ޙުސައިން (49އ)
ޏ. ފުވައްމުލައް/ ދިގުވާނޑު، ހޮލެންޑް، މަރްޔަމް ރިފާޢު (25އ)
ރ. އިނގުރައިދޫ، ވަފާ، ޢަބްދުލް މުޙްސިން ޙަސަން (65އ)
ކުމަރެސަން ޗިންނައިއަ، އިންޑިއާ (20އ)
ދިނޭޝް ސައްމިޔައްޕަން، އިންޑިއާ (29އ)
އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، ސްރީލަންކާ (39އ)
ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، ސްރީލަންކާ (46އ)
މުޙައްމަދު މައްސޫދު، ބަނގުލަދޭޝް (46އ)
ސަބެޝަން ނަހާރަޖަ، ސްރީލަންކާ (31އ)
އެ އެންމެން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަނުގައި މާރިކިލުން 9 މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 162 ދަޅު ބަނގުރާއާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުލް މުޙްސިން ޙަސަނަށް ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލައިފައިވާއިރު، ދެންތިބި އަށް މީހުން ވެސް 15 ދުވަހަށް ބަނދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.


