Tuesday, 28 July 2026

ރޯދަމަހަށް ތަކެތީގެ އަގު ބޮޑުކުރާ ނަމަ ސަރުކާރުން ފިޔަވަޅު އަޅާނެ: މިނިސްޓަރ ސައީދު

ރަމަޟާންމަހު މުދަލުގެ އަގު ބޮޑުވެގެން ދާނަމަ ސަރުކާރުން، އެކަމުގެ ތެރެއަށް ވަދެ، ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެެ.

މިނިސްޓަރުންނަށް އާންމުންގެ ފަރާތުން ހުށަހަޅާ ސުވާލުތަކަށް ޖަވާބު ދިނުމަށް ސަރުކާރުން ސިލްސިލާކޮށް ބާއްވާ 'އަހާ ފޯރަމް’ގެ ހަތަރު ވަނަ ފޯރަމް ރޭ ވަނީ ބާއްވާފަ އެވެ.

ރޭގެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހު ތަކެތީގެ އަގު ބޮޑުވިޔަ ނުދެއްވާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަރަށް ރަނގަޅަށް ތަކެތީގެ އަގު މެނޭޖްކުރެއްވި ކަން ސަޢީދު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ސަޢީދު ވިދާޅުވީ އެކަން ކުރެވުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވައި ކުރެއްވި މަސައްކަތްޕުޅުން ކަމަށެވެ.

ސައީދު ވިދާޅުވީ އާންމު ގޭބީސީއެއްގައި ބޭނުންކުރާނެ އަސާސީ ހުރިހާ މުދަލަކާއި އާންމު ގޮތެއްގައި ގެއެއްގައި ބޭނުންކުރާނެ ހުރިހާ މުދަލެއް ދެނެގަނެ، ބާޒާރުގައި އެ ތަކެތީގެ އަގު ބޮޑުވެއްޖެނަމަ އެކަމާމެދު ކަންކުރާނެ ގޮތުގެ ސިޔާސަތެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އެ ސިޔާސަތުގެ ދަށުން ޖުމްލަ 183 އައިޓަމެއް ހިމެނޭނެކަމަށް ސައީދު ވިދާޅުވި އެވެ.

އޭގެތެރެއިން 54 އައިޓަމަކީ، ރަމަޟާން މަހަށް ހާއްސަކޮށް، ކްރިޓިކަލް އައިޓަމްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި މި ހުރިހާ އައިޓަމަކާ ގުޅޭ އަގުތައް މެނޭޖްކުރުމުގައި ހާއްސަ ސިޔާސަތެއް ކަނޑައަޅާފައިވާނެކަން ފާހަގަކުރައްވަމުން ސައީދު ވަނީ ރަމަޟާން މަހު ތަކެތީގެ އަގު ބޮޑުވާނަމަ އެކަން ހުއްޓުވަން ސަރުކާރު ތެދުވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަހަރުވެސް ރަމަޟާން މަހު އެގޮތަށް އަގުތައް މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ސައީދު ވަނީ ސަރުކާރުން ދުރާލައި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން މިހާރުވެސް %3 އަށްވުރެ ދަށުގައި އަގުތައް ހިފެހެއްޓިފައިވާ ކަމަށް ވިދާޅުވެފައވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *