ރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމުގެ ގޮތުން މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކޮށްފައިވަނީ އިންޑިއާގައި މިހާރު ކުރިއަށްދާ އެރޯ އިންޑިއާ 2025 އިވެންޓުގެ ހަވާސާގައި އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް ސަންޖޭ ސެތުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ދިފާއީ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ދެނެގަތުމާ ބެހޭގޮތުން ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް މުއާޒް ޙަލީމާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު އިޔާތާއި، މެރިން ކޯރސްގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުالله ޒުހުރީއާއި، އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ޑިފެންސް އެޑްވައިޒަރ ކާނަލް އަމާނުالله ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަކީ މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ދެޤައުމުގެ މެދުގައި އޮތް ޝައުޤުވެރިކަން ދައްކުވައިދޭ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދިފާޢީ ސްޓްރެޓެޖީތައް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.


