Tuesday, 28 July 2026

ރޯދަ މަހު ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދޭނަން: ރައީސް

ކުރިއަށް އޮތް މި އަހަރުގެ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ސަރުކާރުން ޑިސްކައުންޓް ދޭނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

ރައީސް މުޢިއްޒު މިކަން އިއުލާންކުރެއްވީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ރައްޔިތުންނާއި ރޭ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ ރޯދަ މަހާ އެއްގޮތަށް މިފަހަރު ވެސް ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށެވެ.

"ކުރީ ރޯދަމަހު ދިން ގޮތަށް މި އަހަރުގެ ރޯދަމަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭނަން. އެކަން އެގޮތަށް ކުރިއަށް ދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ގެއަކަށް ބަހާ މަސްދަޅު ކޭހުގެ ހަރަދުގެ ބަދަލަށް ކަރަންޓާއި ފެނުގެ ބިލްތައް ސަރުކާރުން ބޮޑު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ދަކަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެއީ އެއްވެސް ހަޤީޤަތެއް ހުރި ވާހަކަ އެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ

 އަދި މީހަކު ދައްކާހާ ވާހަކައެއް ބަލާލުމެއް ނެތި ގަބޫލުކުރުމަކީ ދީނީ ގޮތުން ބަލާއިރު ވެސް ހުއްދަ ކަމެއް ނޫން ކަމަށާއި އިވޭ ވާހަކަތަކުގެ ތެދު ދޮގު ބަލާ ބަޔަކަށް ވާންޖެހޭ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ވެސް ދޫކުރަން ފަށައިފަ އެވެ. ރަށްރަށުގައި މަސްދަޅު ކޭސްތައް ގޭގެ އަށް ބަހާފައިވާއިރު، މާލޭގައި އެ ބެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *