Tuesday, 28 July 2026

މިއަދުން ފެށިގެން ޕާޓީތަކަށް މީހުން ވެއްދޭނީ އީފާސް މެދުވެރިކޮށް

ދައުލަތުގެ އޮފީސްތަކުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ އީފާސް މެދުވެރިކޮށް ނޫން ގޮތަކަށް މިއަދުން ފެށިގެން ސިޔާސީ ޕާޓީތަކަށް މީހުން ނުވެއްދޭ ގޮތަށް ސިޔާސީ ޕާޓީގެ ގަވާއިދަށް އިސްލާހު ގެނެސް، މިއަދު ގެޒެޓްކޮށްފި އެވެ.

އީސީން މިއަދު ގެޒެޓުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ މީގެ ފަހުން އަލަށް ޕާޓީއެއް އުފައްދަން ހުށަހަޅާ 3،000 މީހުންގެ ފޯމާއި މިހާރު ހުރި ޕާޓީތަކަށް މެންބަރުން އިތުރުކުރަން ފޯމު ހުށަހެޅޭނީ ‘ސިމެދަ’ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ހުށަހަޅާއިރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑިއެންއާރު) އެ ފަރާތުގެ މައުލޫމާތު، އީސީން ބޭނުންވެއްޖެ ހިނދެއްގައި ހޯދުމަށް އިއުތިރާޒު ނުކުރާކަމުގައި އިގުރާރުވާން ޖެހޭނެ އެވެ.

ހަމައެއާއެކު ސިމެދަ ޕޯޓަލްގެ ތެރެއިން ޕާޓީއަކަށް މީހަކު ވެއްދުމުން އެ މީހާ ޕާޓީގެ ދަފުތަރުގައި ހިމެނުމުގެ ކުރިން ޝަކުވާއެއް އޮތްތޯ ބެލުމަށް އީސީން އިއުލާނު ކުރުމަށްވެސް އަލަށް ގެނައި އިސްލާޙުގައި ހިމަނާފައިވެއެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ފޯމުތައް 10 އަހަރު ވަންދެން ޕާޓީތަކުން ބެލެހެއްޓުމަށްވެސް މިހާރުވަނީ މަޖުބޫރުކޮށްފަ އެވެ.

މި ދޭތެރެއިން ނޭނގި ޕާޓީތަކަށް ވައްދާ މީހުންގެ މައްސަލަ ބޮޑުވެފައިވަނިކޮށް އީސީން ގެނައި އެ އިސްލާހުގައި ބުނީ ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދިން ތާރީހުން ފެށިގެން 6 މަސް ދުވަސް ތެރޭގައ،ި އަލަށް އުފައްދަން ހުށަހަޅާ ޕާޓީއަށް ވަނުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 3,000 މީހުން ހަމަކުރަން ޖެހޭނެ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *