Tuesday, 28 July 2026

މަރުތޭލަކުން ހަމަލާދިނުމަށްފަހު މެލޭޝިޔާއަށް ފިލަން ދިޔަ މީހާ ރާއްޖެ ގެނެސް ހައްޔަރުކޮށްފި

އައިޖީއެމްއެޗް ކައިރީގައި މީހަކު ހުއްޓައި އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލުމަށް ފަހު، ފިލަން މެލޭޝިއާ އަށް ދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހާ ރާއްޖެ ގެނެސް ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން މިއަދު ހައްޔަރުކުރީ ފުވައްމުލަކު، ދިގުނވާޑު، ބަނަފުސާގޭ ހުސައިން އަރީޝް، 31، އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީ އަށް ފަހު، އަރީޝް މިއަދު ހެނދުނު ހައްޔަރުކުރީ އޭނާ މެލޭޝިއާ އަށް އެތެރެވުން ހުއްޓުވުމަށް ފަހު، އެހެން ފްލައިޓެއްގައި ރާއްޖެ ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ރާއްޖެ އިން ފުރައިގެން ދިޔައީ ހައްޔަރު ކުރަން ކޯޓު އަމުރެއް ހޯދާފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އަރީޝް އަކީ މާފަންނުގައި އޮޕަރޭޓްކުރާ ގޭންގަކަށް ނިސްބަތްވާ އަދި ކުށުގެ ރެކޯޑުތަކަށް ބަލައި ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން ލިސްޓްކޮށްފައި އޮންނަ މީހެކެވެ.

އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ދިން ހަމަލާގައި ޒަހަމްވި މީހާއަށް ސީރިއަސް އަނިޔާއެއް ނުލިބެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *