Tuesday, 28 July 2026

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ ލޯކްސަބާގެ ސްޕީކަރ އޯމް ބިރްލާ އާއި ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން ދަތުރުކުރައްވާ ޕާލިމެންޓަރީ ވަފުދު މިއަދު އިންޑިއާގެ ޕާލިމެންޓް ގޯތިތެރޭގައި ލޯކްސަބާގެ ސްޕީކަރ އޯމް ބިރްލާ އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ތާރީޚީ ގުޅުން އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމަށް އިޝާރާތްކުރައްވަމުން، ލޯކްސަބާގެ ސްޕީކަރ ވިދާޅުވީ ދިވެހިރާއްޖެއަކީ އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތު އަދި "ސާގަރ" ވިޝަންގައި ޚާއްޞަ މަޤާމެއް ދެވިފައިވާ ޤައުމެއް ކަމުގައެވެ.

މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ލޮކް ސަބާގެ ރައީސްގެ އިތުރުން، އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއަރމަންއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނާވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު، ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް އަދި ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބްއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *