ސްޓްރޯކެއް ޖެހިފައިވާ މީހަކަށް މަސްތުގެ ތުހުމަތުކޮށް ފުލުހުން ޢަމަލުކުރި ގޮތް ތަޙްޤީޤުކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ ރޭ 10:13 ގައި މަސްތުގެ ޙާލަތުގައި މީހަކު އުޅަނދެއް ދުއްވާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެކަން ބެލިއިރު، އެ މީހާ ދުއްވި ވޭން ހުޅުމާލޭ ފިތުރޯނުމަގުން އަރިމައްޗަށް އަރައި އެކްސިޑެންޓްވެފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި، އަދި އިތުރަށް ބެލިއިރު، އެ އުޅަނދު ފޭސް 2 އާއި 1 ގުޅުވައިދޭ ބްރިޖުގެ ޑިވައިޑަރުގައި ޖެހި އެކްސިޑެންޓްވެފައިވާކަންވެސް އެނގުނުކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ..
ފުލުހުން ބުނާ ގޮތުގައި މަސްތުގެ ޙާލަތުގައި އިންކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޑްރައިވަރުގެ ކުޑަކަމުދާ ތަކެތި ތަޙްލީލުކުރުމަށްފަހު ނެގެޓިވްވުމުން އެ މީހާ ދޫކޮށްލާފައިވެއެވެ. އަދި މި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތް މިހާރު ދަނީ މުރާޖަޢާކުރަމުންނެވެ. އުސޫލާ ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވާނަމަ ނުވަތަ އިހުމާލެއް ވެފައިވާނަމަ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް، މީސްމީޑިއާގައި ދައުރުވަމުންދާ ޚަބަރެއްގައި ބުނެފައިވަނީ ސްޓްރޯކެއް ޖެހިފައިވާ މީހަކަށް މަސްތުގެ ތުހުމަތުކޮށް ފުލުސް އޮފީހުގައި 6 ގަޑިއިރު ވަންދެން ބަހައްޓާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ބަޔާނުގައިވެސް ވަނީ 6 ގަޑިއިރަށްވުރެ ގިނައިރު ބެހެއްޓިކަމަށް ބުނެފައެވެ.އަދި އެ ޑްރައިވަރަކީ ހިތުގެ ބަލިމީހެއްކަން ތަކުރާރުކޮށް ފުލުހުންގެ ސަމާލުކަމަށް ގެނައި ނަމަވެސް، ފުލުހުން އެކަމަށް އެއްވެސް ސަމާލުކަމެއް ދީފައިނުވާ ކަމަށް ބުނެފައިވެއެވެ. ފަހުން ޑޮކްޓަރަށް ދެއްކުމުން އައިޖީއެމްއެޗުން ވަނީ އެ ޑްރައިވަރަށް ސްޓްރޯކެއް ޖެހިފައިވާކަން ކަށަވަރުކޮށްދީފައެވެ.
މި މައްސަލައިގައި ފުލުހުން ވަނީ އެ މީހާ ދުއްވި ވޭންވެސް ޓޯކޮށްފައެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.


