މިއަދު ހެނދުނު މާލޭގެ މ. ހައުސްޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ހެނދުނު 6:35 ހާއިރު ރޯ÷ވި މި އަލިފާނުގެ ހާދިސާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ނިއްވާލެވުނީ 7:47 ހާއިރުގައެވެ. އެމްއެންޑީއެފްގެ މަޢުލޫމާތުގައިވާ ގޮތުން، އަލިފާން ރޯވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ހުސްކޮށް ހުރި ގެއެއްގައި ހުރި ކުނިތަކެއްގައެވެ.
މި ހާދިސާގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބުމާ ގުޅިގެން، އެ ދެ ގޭގައި ދިރިއުޅެމުންދިޔަ 55 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފައިވެއެވެ. މި 55 މީހުންގެ ތެރޭގައި 20 ބިދޭސީން ހިމެނޭ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ކަށަވަރުކޮށްދީފައިވެއެވެ.


