ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ޓަކައި، އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަޤާމުން ވަކިކޮށް، އެ މަޤާމުތަކަށް މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފާއި އިތުރު ސިޔާސީ ބޭފުޅުން އައްޔަންކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ މި މަސައްކަތުގެ މަޤްޞަދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޤާމު ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި ބަދަލާ ދެކޮޅަށް، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށެވެ.
އެމްޑީޕީން ފާހަގަކޮށްފައިވާ ގޮތުގައި، ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ޅެއްގައި ފަނޑިޔާރުން މަޤާމުން ވަކިކުރުމަކީ އަދުލުވެރި އަދި ރައްޔިތުންގެ އިތުބާރު އޮތް ޖުޑިޝަރީއެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް އެ ޕާޓީން ދެކެއެވެ.
މި ތުހުމަތުތަކާއެކު، އެމްޑީޕީން ވަނީ މި ކަންކަން ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައިފައެވެ. އަދި ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމުގައި އެ ޕާޓީން އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.


