ގއ. ވިލިނގިލީގައި ސިޒޭރިއަން ހެދުމަށް ފަހު ބޭނުންވާ ފަރުވާ ލިބުން ލަސްވެ އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައިމި ޙާދިސާ ހިނގާފައިވަނީ ގއ ވިލިނގިލީގައެވެ. މި ޙާދިސާގައި ނިޔާވީ 37 އަހަރުގެ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގެވެ. އޭނާ ނިޔާވީ އޭނާގެ ތިންވަނަ ދަރިފުޅު ވިހެއުމަށް ފަހުގައެވެ.
މި ޙާދިސާގައި ނިޔާވި ޝިއުނާއަށް ރޯގާޖެހި ނޭވާލާން އުނދަގޫ ވާތީ ހޮސްޕިޓަލަށް ގެންގޮސް ހާލު ދެރަވުމުން ސިޒޭރިއަން ހަދައި ބަނޑަށް 8 މަހުގައި ދަރިފުޅު ނަގާފައި ވަނީ އިއްޔެ ހެނދުނު އެވެ.
އާއިލާ އާޢި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން އެއާ އެމްބިއުލާންސްގައި މާލެ ފޮނުވަން، ރޭ 11 ޖަހާކަންހާއިރު ޝިއުނާ ކޫއްޑުއަށް ގެންދިޔަ އެވެ. އެކަމަކު މާލެ ފުރުވާނުލެވި އުޅެނިކޮށް، އިރުކޮޅެއް ފަހުން އެ ރަށުގައި އޭނާ މަރުވީ އެވެ.
ޝިއުނާގެ ދަރިފުޅު ރޭ މާލެ ގެނަ އެވެ. ނަމަވެސް ފުރާނަ ސަލާމަތްނުކުރެވި ރޭ ފަތިހު ވަނީ މަރުވެފަ އެވެ.
އަދި އިތުރު ފަރުވާއަށް އެދެމައިން މާލެ ގެންދިއުމުގެ ކަންތައްތައް ލަސްވެފައިވަނީ އެއާ އެންބިއުލާންސްގައި ދެމައިންނަށް އޮކްސިޖަން ފޯރުކޮށްދެވޭނެ ގޮތެއް ނެތިގެން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ބުނީ މި މައްސަލަ ބަލަމުންދާ ކަމަށާއި މިކަމާގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.


