Tuesday, 28 July 2026

މި ހިނގާ ފެބުރުއަރީ މަހުގެ ތެރޭގައި 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓް އިއުލާން ކުރާނަން: ރައީސް

މި ހިނގާ ފެބުރުއަރީ މަހުގެ ތެރޭގައި 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓް އިއުލާންކޮށް ސެޕްޓެންބަރު މަހުގެ ނިޔަލަށް ހައްގުވެރި ފަރާތްތަކަށް ފުލެޓް ދޫކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑީ މާލޭގައި ކަމަށާއި، މާލެއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބައިބޯ ވެރިކަންކުރާ އެއް ސިޓީ ކަމަށެވެ. ވޭތުވެދިޔަ މާޒީގައި މި މައްސަލަ އެކަށީގެންވާ ވަރާ ގާތަށްވެސް ހައްލުކުރުމަށް ސަމާލުކަންދީފައި ނުވާކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާންކުރާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ އެ ފްލެޓްތައް ނިމެމުން އަންނަ ވަރަކުން، މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހައްގުވެރިންނަށް ފްލެޓްތައް ހަވާލުކުރުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"މާތްالله ގެ އިރާދަފުޅާއެކު ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާނު ކުރެވޭނެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 4،000 ފްލެޓް ނިންމުމާއި އެ ތަންތަން ލިބޭނެ ކަމަށް އިއުލާން ކޮށްފައިވާ 4،000 މީހުންގެ ލިސްޓާ ގުޅިގެން އޭސީސީގެ އެންގުންތަކާ އެކު، އެ ލިސްޓުގެ ސައްހަކަން ބެލުމަކީ ސަރުކާރުން ހައްލު ކުރަން ޖެހިފައިވާ "ވަރަށް ހައްސާސީ މައްސަލައެއް" ކަމަށެވެ.

ރައީސް ވިދާޅުވީ، ގުޅިފަޅަކީ މާލޭގެ އެތައް ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ތަނެއް ކަމަށާއި، އެތަނުގައި އިތުރު 85 ހެކްޓަރު ހިއްކުމަށް ފައިސާ އާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެ ތަނުގައި އަސާސީ ހިދުމަތްތައް ޤާއިމުކުރުމާއި މަގުހެދުމަށް މިހާރު ކޮންޓްރެކްޓަރަކާއި ހަވާލު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *