Tuesday, 28 July 2026

ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ: ރައީސް

ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާންފެށުމުން ޤައުމުގެ މާލީ، އިޖުތިމާޢީ ޢަދާލަތަށް، އަދި މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް، މާތް ﷲގެ އިރާދަފުޅާއެކު އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި ފަދައިން ވިދާޅުވީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވެވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ފުޅާކުރެއްވުމަށްޓަކައި ޒަކާތު ހައުސް އުފެއްދެވުމުގެ ސަބަބުން ރައްޔިތުންނާއި ޤައުމަށް ލިބުނު މަންފާ ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. އަދި ޒަކާތުގެ ނިޒާމު، ލާބަހުރި ޒަމާނީ ގޮތެއްގައި ތަރުތީބުކުރުމަށްޓަކައި ހަދަންޖެހޭ އުޞޫލުތަކާއި، ޤަވާޢިދުތައް އެކުލަވާލައި ފާސްކުރެއްވުމާއި، ޒަކާތުގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިޔަށް ގެންދިޔުމަށްޓަކައި ބޭނުންވާ ފަންނީ ޤާބިލުކަން ލިބިގަތުމުގެ ގޮތުން "އިންޒެކް" އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ބޭއްވުނުކަން ރައީސްޔާ ފާހަގަކުރެއްވިއެވެ.

ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ރާއްޖެ ދަމަހައްޓަވައި، އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރައްވައި، އިސްލާމީ ޝަރީޢަތް ނަގަހައްޓަވައި، އިސްލާމީ އުސޫލުތައް ހިފަހައްޓާ ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް، ނުގުޑާ ޢަޒުމަކާއެކު ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ދެއްވިއެވެ.

މި ރޮނގުން، މިދިޔަ އަހަރުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަން ރައީސް ބަޔާނުގައި ފާހަގަކުރެއްވިއެވެ. އެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރިސާލަތު ޕްރޮގްރާމްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަރުމާކޮށް، މިދިޔަ އަހަރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެ ޕްރޮގްރާމު ހިންގަވައި، މި އަހަރުވެސް މެދުކެނޑުމެއް ނެތި އެ މަޝްރޫޢު ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މާތް މަޤުޞަދުގައި "ނަމާދު މަތިވެރިކުރުން" މި ނަމުގައި ވެސް މުހިންމު މަޝްރޫޢެއް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިސްކިތްތަކާބެހޭ ޤައުމީ މަޖިލީސް އަލުން އުފައްދަވައި، ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު 7،868953.00ރ (ހަތްމިލިއަން އަށްލައްކަ ފަސްދޮޅަސް އަށްހާސްނުވަސަތޭކަ ފަންސާސް ތިންރުފިޔާ) މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ވާނީ ޚަރަދު ކުރެވިފައިކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދެވޭނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *