މާލޭ، މާވެޔޮމަގުގައި ހުންނަ ތާސީރު ކެފޭގައި ބިދޭސީންތަކެއްގެ ދެމެދު ހިނގި މާރާމާރީގައި ޒަހަމްވި ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު މީޑިއަތަކަށް ފޮނުވި މެސެޖުގައި ބުނީ އެ ހާދިސާ ރިޕޯޓްކުރީ މިއަދު މެންދުރު 12:10ގައި ކަމަށެވެ. އަދި އެ ހާދިސާގައި ޒަހަމްވި ބިދޭސީ މީހާ އައިޖީއެމްއެޗަށް ވެސް ގެންދިޔަކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެނގިފައިވާ ގޮތުން އެ ހާދިސާ ހިނގީ މާވެޔޮމަގުގައި ހުންނަ "ތާސީރު" ކެފޭގަ އެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިންގާފައިވަނީ އެ ކެފޭގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ކައްކާއާއި ބަންގުލަދޭޝްއަށް ނިސްބަތްވާ ހެލްޕަރާ ދެމެދު ކަމަށެވެ.
"ދެ މީހުނަށް ވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. ބަންގުލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ" ފުލުހުން ބުންޏެވެ.
އެ ހާދިސާގެ ވީޑިއޯއްވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުން ދެ މީހުންގެ ގައިންވެސް ވަރަށް ބޮޑަށް ލޭ ފައިބާފައިވެ އެވެ.


