ރާއްޖޭގެ ނަންހިނގާ ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު ގާސިމް އިބ ގާސިމް އިބްރާހިމްގެ ހަޔާތްޕުޅާ ބެހޭ ބައޮގްރަފީއެއް މި މަހުގެ 10 ވަނަ ދުވަހު ނެރުމަށް ނިންމައިފިއެވެ. މި ފޮތް ލިޔުއްވާފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ މުހައްމަދު ޖަމީލެވެ.
700 އަށްވުރެ ގިނަ ސަފުހާގެ މައްޗަށް އެކުލެވޭ މި ފޮތުގައި ވިލާ ގްރޫޕްގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މުޅި ހަޔާތްޕުޅު ހިމެނިފައިވެއެވެ. ޖަމީލަކީ މީގެ ކުރިން ވެސް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން އަދި ފަސްވަނަ ރައީސް މުހައްމަދު ވަހީދުގެ ބައޮގްރަފީ ލިޔުއްވާފައިވާ ބޭފުޅެކެވެ.
ފޮތް ނެރުމުގެ ރަސްމިއްޔާތު އޮންނާނީ ގާސިމްގެ ވިލާ ކޮލެޖްގައި ފެބްރުއަރީ 10 ވަނަ ދުވަހުގެ ރޭގަނޑުއެވެ. މި ހަފްލާގައި ފޮތުގެ އިތުރުން އޯޑިއޯ ވާޝަން އަދި ފޮތަށް ޚާއްޞަ ވެބްސައިޓެއް ވެސް އިފްތިތާހު ކުރެވޭނެއެވެ. އަދި ގާސިމްގެ ހަޔާތްޕުޅު ދައްކުވައިދޭ ފޮޓޯ މައުރަޒެއް ވެސް ހުޅުވޭނެއެވެ.
ފެބްރުއަރީ 11 ވަނަ ދުވަހުގެ ރޭ 10:30 އާ ހަމައަށް ކުރިއަށްދާ މި މައުރަޒަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ގާސިމްގެ ބައޮގްރަފީގެ ކޮޕީއެއް ހިލޭ ލިބިވަޑައިގަންނަވާނެއެވެ. މި ފޮތް ވަނީ ކުލަކޮށް، ހާޑްކަވަރުގައި ޗާޕުކުރެވިފައެވެ.


