Tuesday, 28 July 2026

ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އިންޑިއާގެ އިސް ވަފުދެއް ޒިޔާރަތްކުރައްވައިފި

އިންޑިއާގެ އިސް ވަފުދެއް އިއްޔެ ތިލަމާލެ ބްރިޖް ސައިޓަށް ޒިޔާރަތްކުރައްވައި، މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައި، މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި ދަތުރުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މިސް ސުޖާ ކޭ. މެނޮން ބައިވެރިވެ ވަޑައިގަތެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިސްމާއީލް ހަމީދާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން، އެގްޒިމް ބޭންކް އޮފް އިންޑިއާގެ އިސްވެރިންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އަފްކޮންސް އަދި ކޮންސަލްޓަންޓް އަރަޕްގެ ބޭފުޅުންވެސް މި ޒިޔާރަތުގައި ބައިވެރިވިއެވެ.

އިމާރާތް ކުރުމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ބްރިޖްގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެއްލެވުމާއި، މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. އަދި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ނިންމުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.

ތިލަމާލެ ބްރިޖަކީ މާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް އެޅޭ ބްރިޖެކެވެ. މި 500 މިލިއަން ޑޮލަރުގެ މަޝްރޫޢު ކުރިއަށްދަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 15 އާއި ހަމައަށް ބްރިޖުގެ 46.58 އިންސައްތަ ވަނީ ނިމިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *