ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގ. ޖޫތީގެ. ހަސަން ނަޒީޙް، 32، އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކަމަށެވެ.
މި އޮޕަރޭޝަނުގައި ނަޒީހް ހައްޔަރުކޮށް، އޭނައާ ގުޅުން ހުރި ކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރި އިރު ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުުކުރުމަށް އަމުރުކޮށްފައި ވާކަމަށް ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުންގެ ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.


