Tuesday, 28 July 2026
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އިންތިޒާމުކުރި އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ ހަފްލާގެ ތެރެއިން. މި ހަފްލާގެ ޝަރަފުވެރި މެހުމާނަކީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޙަލީލް.

ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ

ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި ރާއްޖެއަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ޚަލީލް އިތުރަށް ވިދާޅުވީ ރާއްޖެ އަކީވެސް އިންޑިއާ އެކޭ އެއްފަދައިން ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުމަށް މަސައްކަތްކުރާ ޤައުމެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބިނާވެފައިވަނީ އެއް ޤައުމު އަނެއް ޤައުމުން ޤަބޫލުކުރާ ހަމަތަކާއި އިޙްތިރާމުގެ މައްޗަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަހަރަކީ ރާއްޖެ އާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަމަށް އިޝާރާތްކުރައްވައި މިނިސްޓަރު ޚަލީލް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާއިން ރާއްޖެއާއެކު ވަނީ ވަރަށް ސާބިތުކަމާއެކު ކަމަށެވެ. އަދި އިންޑިއާއަކީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ދަންނަ، ދިވެހިންނަށް އިޙްތިރާމްކުރާ ބައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އިންޑިއާއާއެކު އޮތް ގުޅުމުގެ ސަބަބުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރައްވައި، އޭގެ ތެރޭގައި އުމްރާނީ ތަރައްޤީއާއި ޞިއްޙީ ދާއިރާގެ ކުރިއެރުން ހިމެނޭ ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ. ޚާއްޞަކޮށް އައި.ޖީ.އެމް.އެޗް އަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނިންމާލައްވަމުން، މިނިސްޓަރު ޚަލީލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިންޑިއާއަށް އަންނަ ތަރައްޤީއާއި ކުރިއެރުމުގެ ސަބަބުން ރާއްޖެ ފަދަ އަވަށްޓެރި ޤައުމުތަކަށް ފައިދާކުރާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *