ޓޫރިޒަމް މިނިސްޓަރުުގެ މަގާމަށް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް މިއަދު އައްޔަންކޮށްފި އެވެ.
ހުސްވެފައިވާ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އޭނަ އައްޔަންކުރީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ޓޫރިޒަމް މިނިސްޓަރަކަށް ޠާރިޤު އައްޔަން ކުރީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމަށް ފަހު އެވެެ.
ރައީސް އޮފީހުން މިއަދު ބުނީ މިރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.
“މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަނުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއާއި ބައްދަލު ކުރަށްވާފައެވެ. އެގޮތުން ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.” ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ރައީސް އޮފީހުން ބުނީ މި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި ޠާރިޤު އިބްރާހީމް ވަނީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުގެ ހުވައި ކުރައްވާފައި ކަމަށެވެ.
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤް އައްޔަނު ކުރަށްވާފައިވާއިރު ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަޤާމުގައި މީގެކުރިން ހުންނެވި އިބްރާހިމް ފައިސަލް މަޤާމުން ވަކިކުރަށްވާފައިވަނީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ.


