Tuesday, 28 July 2026

މަސްދުވަސް ތެރޭގައި 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު މާރުކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ މަހެއްހާ ދުވަހު 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

"މިހާތަނަށް ވެސް އެމްއެމްއޭގެ ގަވަރުނަރު އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު އަޅުގަނޑަށް ދިން އަޕްޑޭޓުގައި ވެސް 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ބޭންކުތަކަށް މާރުކޮށްފައި. އެއީ އެއް މަހުގެ ތެރޭގައި،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައި ވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގައެވެ. މި ގަވާއިދުގެ ދަށުން ޓޫރިސްޓު ރިޒޯޓުތަކުން ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު ދިވެހި ބޭންކުތަކުގައި މާރުކުރަންޖެހެއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުން ފާސްކޮށް، އެމަނިކުފާނު ތަސްދީގު ކުރައްވާފައިވާ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ އެއްވެސް ވިޔަފާރިވެރިއަކަށް އިސްތިސްނާއެއް ނުދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

އޭގެއިތުރުން، ރާއްޖޭގެ އިގުތިޞާދު ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ވައުދުފުޅުތަކާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި ދިވެހީންގެ އަޒުމަކަށް ވާންވީ ތަރައްގީގެ ކަންކަމުގައި އެކަތިގަނޑަކަށް ވުން ކަމަށް ރައީސް ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *