Tuesday, 28 July 2026
ޒަކިއްޔާ މޫސާ

ޒަކިއްޔާގެ މަރުގެ ތަހުގީގަށް އެފްބީއައިގެ އެހީތެރިކަން ހޯދަން ފަށައިފި

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރުވި ހާދިސާއާ ގުޅިގެން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދަމުންދާ ކަމަށެވެ. އެގޮތުން ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން ހޯދައިފައިވާ ހޯދުންތައް، އެމެރިކާގެ އެފްބީއައިއާ ހިއްސާކޮށް، އެހީތެރިކަން ހޯދަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

“އޭގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި.” ފުލުހުން މިއަދު ހާމަކޮށްފައިވެއެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގު ފުލުހުން އަދިވެސް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ޒަހަމްތަކަކާއު އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެ ރަށު ނިއުލައިފް ގެއިންނެވެ. ޒަކިއްޔާ މަރުވެފައި އޮތް ތަނުން ވަޅިއެއް ވެސް ވަނީ ފެނިފައެވެ. ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޒަކިއްޔާގެ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށާއި އެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުމެއްވާ ކަމަށް ނުބެލެވޭ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *