ބިދޭސީއަކަށް ތޫނު އެއްޗަކުން ބިރުދައްކައި ފައިސާ ފޭރިގަތް މައްސަލައެއްގައި 3 ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 22:14 ހާއިރު މާލޭގެ ރަސްފަންނު ސަރަހައްދުގައެވެ.
ފުލުހުންގެ ފޫޓް ޕެޓްރޯލް ބީޓެއްގައި އުޅުނު ފުލުހުންނަށް ބަޔަކު ދުވެފައި ދިޔަތަން ފެނުމުން، ދުވެފައި ދިޔަ މީހުންގެ ފަހަތުން ދިޔަ މީހާއާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމަށްފަހު މި މައްސަލަ ފުލުހުންނަށް ހެޅިކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ. އަދި އެހެން ޕެޓްރޯލް ބީޓްތަކުގެ އެހީތެރިކަމާއެކު ކުރި މަސައްކަތުން، ތުހުމަތުކުރެވޭ 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޯތު ހާބަރު ސަރަހައްދުންނ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި 3 މީހުންނަކީ:
1. މުބާރިކް މުޙައްމަދު (34 އަހަރު)، އައްޒާ / ސ. ހިތަދޫ
2. އަޙްމަދު ފަޔާޟް (30 އަހަރު)، ދިގުވާނޑު. ގުރަހާގެ / ގދ. ފުވައްމުލައް
3. އަޙްމަދު ނަދީފް (36 އަހަރު)، ދިގުވާނޑު. ކައިރުގެ / ގދ. ފުވައްމުލައް
ފޭރިގަނެފައިވާ ކަމަށް ބުނާ ފައިސާގެ ތެރޭގައި 1000 ދިވެހި ރުފިޔާ، 10 ޔޫރޯ، 10 ބަންގްލަދޭޝް ޓަކާ، 20 ސްރީލަންކާ ރުޕީ، 500 އިންޑިއަން ރުޕީ އަދި 2 ސިންގަޕޫރު ޑޮލަރު ހިމެނެއެވެ. މީގެ ތެރެއިން 1000 ދިވެހި ރުފިޔާ، 20 ސްރީލަންކާ ރުޕީ އަދި 2 ސިންގަޕޫރު ޑޮލަރު ހައްޔަރުކުރެވުނު މީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން މިހާރު މި މައްސަލަ ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.


