Tuesday, 28 July 2026

ރ. ފައިނުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް އަންނަ މަހު އެމްޓީސީސީއާ ހަވާލުކުރަނީ

ރ. ފައިނުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް އަންނަ މަހު އެމްޓީސީސީއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ 28 ގައި ރައީސް ނެރުއްވި ގަރާރެއްގައި ވަނީ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުގެ ގަރާރަށް އިސްލާހުތަކެއް ގެންނަވައި އާ ގަރާރެއް ނެރުއްވައިފައެވެ.

އެ ގަރާރުގައި އަލަށް ހިންގުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތަކާއި އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓު މަޝްރޫއުތަކުގެ އިތުރުން އައްސޭރި ޓޫރިޒަމް ހިންގަން ނިންމާފައިވާ ސަރަހައްދުތަކާއި އެ މަޝްރޫއުތަކަށް އެންމެ ދަށްވެގެން އިންވެސްޓް ކުރަންޖެހޭ އަދަދު ރައީސް ވަނީ ގަރާރުން ކަނޑައަޅުއްވައިފައެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފައިނު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ފައިނުގައި އެއާޕޯޓެއް އެޅުމަކީ އެ ރަށުގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއްގެ އިތުރުން އިގްތިސާދީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ.

އެހެންވެ އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާކަން ހާމަކުރެއްވި އެވެ.

"އަޅުގަނޑު މިއަދު ތިބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެމްޓީސީސީއާއެކީގައި މި އަންނަ މަހު، ފެބްރުއަރީ މަހުގެ ތެރޭގައި އެގްރީމެންޓް ކުރުމަށް މިހާރު ނިންމާފައިވާ ވާހަކަ، އިރާދަކުރެއްވިއްޔާ އެއަށްފަހު އަމަލީ މަސައްކަތް ވަރަށް އަވަހަށް މި ރަށުގައި އެއާޕޯޓު އެޅުމަށް ފަށާނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑު މި ރަށަށް އަންނަން އުންމީދު ކުރަނީ މި އެއާޕޯޓް ހުޅުވަން އިރާދަކުރެއްވިއްޔާ"

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއާޕޯޓު އަޅާ ސަރަހައްދަކީ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކޮށްފައިވާ ސަރަހައްދަކަށްވާތީވެ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެއާޕޯޓު އަޅަން ބޭނުންވާ ސަރަހައްދުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނާއި ނަރުދަމާ މަޝްރޫއުގެ ބައެއްކަންކަން ކުރިއަށް ގެންދިޔައީ އެއާޕޯޓް އެޅުމަށް ހުރަސް އެޅުމުގެ ގޮތުންކަން ރައީސް ފާހަގަކުރެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *