ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދުމަށް ދައުލަތުގެ ޚަރަދުގައި ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވި 6 ކުއްޖަކު ކާމިޔާބުކަމާއެކު އެ ޓްރާންސްޕްލާންޓް ހަދައި އެނބުރި ރާއްޖެ އައިސްފިއެވެ.
މި ސަރުކާރުން ވަނީ 2023 ވަނަ އަހަރު ބޯން މެރޯ ޓްރާންސްޕްލާންޓަކީ އާސަންދައިގެ ދަށުން ހިލޭ ހޯދޭނެ ފަރުވާއަކަށް ހެދުމަށް ނިންމާފައެވެ. މިގޮތުން މިދިޔަ އަހަރުގެ ތެރޭގައި 6 ކުދިން ވަނީ މި ފަރުވާއަށް ފޮނުވާފައެވެ. މިހާރު ރާއްޖެ އައިސްފައިވަނީ މި ކުދިންނެވެ.
ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ބްލަޑް ސާވިސްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ތަނުގެ އެހީގައި ބޯން މެރޯ ހެދި 6 ކުދިން އެނބުރި ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިއީ ސަރުކާރުން ތެލެސީމިއާ ކުދިންނަށް އިތުރު ފަރުވާ ހޯދައިދިނުމަށް ކުރާ މަސައްކަތް ފެނިގެންދާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ސަރުކާރުން ކުރިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ދައުލަތުގެ ޚަރަދުގައި ބޯން މެރޯ ހެދުމަށް 40 ކުދިން ލިސްޓުކޮށްފައިވެއެވެ. އަދި މި މަޝްރޫޢަށް 56 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. ބޯން މެރޯ ޓްރާންސްޕްލާންޓަށް ކުދިން ފޮނުވަނީ އެޗްއެލްއޭ ޓެސްޓު ހަދައި، އެ ޓެސްޓުތައް ރިވިއުކޮށް، ކުދިންގެ ޞިއްޙީ ޙާލަތަށް ބެލުމަށްފަހުގައެވެ.


