ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް، އޭނާ މަޤާމުން ވަކިކުރުމަށް އެދި އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހެޅީ އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާ އެކުގައެވެ.
މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުގައި، އިހުސާން މަޤާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި، މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ޤާނޫނުއަސާސީއާ ޚިލާފަށް ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. މީގެ ތެރޭގައި ހިމެނެނީ:
1. ބްލެކްލިސްޓް ކުރެވިފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ އެކްސްޕެޓް ސިސްޓަމް ހަވާލުކުރުން.
2. ފުލުހުންގެ ތަޙްޤީޤުތަކަށް ސިޔާސީ ނުފޫޒު ފޯރުވުން.
3. ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުން.
4. ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގައި ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގުން.
އެމްޑީޕީން ބުނާ ގޮތުގައި، އިހުސާން މަޤާމުގައި ދެމިހުރުމަކީ ރައްޔިތުންގެ ޙައްޤުތަކަށާއި ޤައުމުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ބެލެވެއެވެ. ނަމަވެސް، އިތުބާރު ނެތްކަމުގެ ވޯޓަކުން ވަޒީރަކު މަޤާމުން ވަކިކުރުމަށް ބޭނުންވާ މިންވަރަށް އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ނެތްކަން ފާހަގަކުރެވެއެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ފަލާޙް ވިދާޅުވީ އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރުވެސް އެ މައްސަލަ ކާމިޔާބު ނުކުރެވޭނެކަން އެމްޑީޕީއަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އެ މައްސަލަ ފެއިލްކޮށްލާނެ ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ އެ މައްސަލައަށް ޕީއެންސީ އާއި އެމްޑީއޭގެ އެއްވެސް މެންބަރެއްގެ ތާޢީދު ނުލިބޭނެ ކަމަށާއި ޕީއެންސީގެ މެންބަރުން ވިޕްލައިނާ ހިލާފަށް ވޯޓު ނުދެއްވާނެ ކަމަށެވެ.


