ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރު، އަންނަ ހޯމަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ކަދުރު ބެހުން ކުރިއަށްދާނެއެވެ. ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 13:00 އާ ހަމައަށެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިސްލާމީ މަރުކަޒުންނެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.
މީގެ އިތުރުން، ރޯދަމަހު އިފްތާރު ޕްރޮގްރާމްތައް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ކަދުރު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން މިނިސްޓްރީގައި ނަންނޯޓް ކުރުމަށް އެދިފައިވެއެވެ.
މި ފަހަރު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.


