Tuesday, 28 July 2026

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

ފަލަސްތީނުގެ ޣައްޒާގައި ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށާއި ހަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމަށް ދެ ފަރާތުން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމާ ބެހޭ މަޢުލޫމާތު އެނގިވަޑައިގަންނަވާ އޮފިޝަލަކު މިކަން އޭއެފްޕީއަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހަމާސްއިން އިޒްރޭލުގެ 33 ރަހީނަކު މިނިވަންކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި އޭގެ ބަދަލުގައި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު އިޒްރޭލުގެ ޖަލުތަކުން މިނިވަންކުރާނެއެވެ. މީގެ އިތުރުން، ޣައްޒާގެ އުތުރު ސަރަހައްދުން ނެރެލާފައިވާ ފަލަސްތީނުގެ އާންމުން އެނބުރި އެ ސަރަހައްދަށް ދިއުމުގެ ހުއްދަ ވެސް އެއްބަސްވުމުގެ ދަށުން ލިބޭނެއެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކަށް ފަހުގައެވެ. މިހާތަނަށް މި ހަނގުރާމައިގައި 46،645 ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުމަކީ ދެމެހެއްޓެނިވި ހައްލަކަށް މަގުފަހިވެދާނެ ފުރަތަމަ ފިޔަވަޅު ކަމަށް ބެލެވެއެވެ. ނަމަވެސް، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއިން ބޭރުން ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. މި އެއްބަސްވުމާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން މަރުޙަބާ ކިޔާފައިވާއިރު، ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *