ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ބްލޮކްކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ދޮގުކޮށްފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވެފައިވަނީ މިއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކްކުރުމަށް ސަރުކާރުން ނިންމާފައި ނުވާ ކަމަށެވެ.
މީގެ އިތުރުން، ހީނާ ވަނީ މިފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވާކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިންތަކާއި ޙުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން ކަމަށް ވިދާޅުވެފައިވެއެވެ.
އިދިކޮޅު ފަރާތްތަކުން މީގެ ކުރިންވެސް ވަނީ ސަރުކާރުން ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ބްލޮކްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފައެވެ.


