Tuesday, 28 July 2026

ސައްހަނޫން ފޯމުތަކެއް ހުށަހެޅުނުކަމަށް ޕީއެންސީ އިން އިޢުތިރާފުވެއްޖެ

ޕްރޮގްރެސިވް ކޮންގްރެސް އޮފް މޯލްޑިވްސް (ޕީއެންސީ)ގެ މެންބަރޝިޕް ޑްރައިވްގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުނު އެތައް ހާސް ފޯމުތަކުގެ ތެރޭގައި ސައްހަނޫން ފޯމުތަކެއް ހިމެނިފައިވާކަމަށް އެ ޕާޓީން އިޢުތިރާފުވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައި ޕީއެންސީން ބުނެފައިވަނީ މި މެންބަރޝިޕް ޑްރައިވްއަކީ ރާއްޖޭގައި މިހާތަނަށް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ސިޔާސީ ޕާޓީއަކަށް މެންބަރުން ވަނުމަށް ފޯމު ހުށަހެޅުނު އެއް ހަރަކާތް ކަމަށެވެ. އެހެންނަމަވެސް، ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން ޕާޓީގައި ނެތްކަމަށް އެ ޕާޓީން އިޢުތިރާފުވެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށާއި ފުލުހުންނަށް ޝަކުވާތަކެއް ހުށަހަޅާފައިވާކަމަށާއި، އެ ދެ މުއައްސަސާއިން ވެސް މައްސަލަ ބަލަމުންދާކަން އަންގާފައިވާކަމަށް ޕީއެންސީން ބުނެފައިވެއެވެ. އަދި މި މައްސަލަ ބެލުމުގައި ޕާޓީން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، ސައްހަނޫން ފޯމުތަކެއް މެދުވެރިކޮށް ޕާޓީއަށް މެންބަރުން އިތުރުކުރުމަކީ ޕާޓީގެ ލީޑަރޝިޕުން އެއްވެސް ވަރަކަށް ބަލައިގަންނަ ނުވަތަ ހިތްވަރުދޭ ކަމެއް ނޫންކަމަށް ޕީއެންސީން ބުނެފައިވެއެވެ. އަދި މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މެންބަރުކަމުގެ ގޮނޑި ނުގެއްލޭނެ ކަމަށާއި، މި ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *