ދަ ޑިމޮކްރެޓްސް ޕާޓީގެ ވަގުތީ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސެން ފިރުޝާނު އިންތިހާބުކޮށްފިއެވެ. މި އިންތިހާބު ބޭއްވުނީ އެ ޕާޓީގެ ކުރީގެ ރައީސް ހަސަން ލަތީފު އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ.
ޕާޓީގެ ނެޝަނަލް އެސެމްބްލީގައި ބޭއްވުނު މި އިންތިހާބުގައި ފިރުޝާނަށް 29 ވޯޓު ލިބުނު އިރު، އަނެއް ނައިބު ރައީސް އަލައިކާ އަދުނާނަށް ލިބުނީ 14 ވޯޓެވެ. މީގެ އިތުރުން، ޖެނެރަލް އެސެމްބްލީގައި 10 ދުވަހުގެ ތެރޭގައި ދާއިމީ ރައީސަކު ހޮވުމަށް އިންތިހާބެއް އިޢުލާނުކުރުމަށާއި، 40 ދުވަހުގެ ތެރޭގައި އެ އިންތިހާބު ބޭއްވުމަށް ވެސް ފާސްކުރެވުނެވެ.
ހަމަ މި ޖަލްސާގައި، ޕާޓީގެ ޑިސެންޓްރަލައިޒޭޝަން އެންޑް ލޯކަލް ގަވަނަންސް ކޮމެޓީގެ މުގައްރިރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ގަރާރެއް ފާސްކުރެވުނެވެ. މި ގަރާރުގައި ރާއްޖޭގެ ވެރިކަން ހިންގުމުގެ އާ އޮނިގަނޑެއް އެކުލަވާލުމަށް ގޮވާލައި، މިހާރުގެ ނިޒާމުގެ އެކި މައްސަލަތައް ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ރިޔާސީ ބާރު މާ ގަދަވެފައިވާކަމާއި، މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާކަން ހިމެނެއެވެ.
މި ގަރާރުގައި ވަނީ ޕާޓީގެ އެތެރެއާއި ބޭރުގައި މަޝްވަރާކޮށް، ރާއްޖޭގައި ވެރިކަންކުރުމުގެ އާ އޮނިގަނޑެއްގެ ސިޔާސަތު ކަރުދާހެއް އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ގޮވާލާފައެވެ.


