މައްކާގައި ތާށިވެފައިވާ އުމްރާވެރިން ރާއްޖެ ގެނެވިފައިވާކަމަށް އިސްލާމިކް މިނިސްޓްރީންހާމަކޮށްފިއެވެ. މި އުމްރާވެރިންނަކީ އަލްހިޖްރާ ޓްރެވަލް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޑިސެމްބަރު މަހު އުމްރާއަށް ގޮސްފައިވާ 23 މީހުންގެ ގްރޫޕެކެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
މި ގްރޫޕުން ދަތުރަށް ފައިސާ ދައްކާފައިވީ ނަމަވެސް، ކުންފުނިން އެ ފައިސާ އެހެން ކަންކަމަށް ބޭނުންކޮށް، އުމްރާވެރިންގެ އެނބުރި އައުމުގެ ޓިކެޓު ހަމަޖައްސާފައި ނުވާކަން އިއުތިރާފުވެފައިވެއެވެ. މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި އުމްރާވެރިން ހުކުރު ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ.
މި ހާދިސާއާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އަލްހިޖްރާ ޓްރެވަލް އެންޑް ޓުއާރސްއާ މެދު ފިޔަވަޅު އަޅަން ނިންމާފައެވެ. މީގެ ތެރޭގައި ކުންފުނީގެ އުމްރާ ހުއްދަ ހިފެހެއްޓުމާއި، 100,000 ރުފިޔާއިން ޖޫރިމަނާކުރުމާއި، މި މައްސަލަ ފުލުހުންނަށް ހުށަހެޅުން ހިމެނެއެވެ. އަދި މިނިސްޓްރީން ޚަރަދުކޮށްގެން އުމްރާވެރިން ރާއްޖެ ގެނައުމަށް ހިނގި ޚަރަދު ކުންފުނިން ހޯދުމަށްވެސް ވަނީ ނިންމާފައެވެ.
މިނިސްޓްރީން އިތުރަށް ބަޔާންކުރި ގޮތުގައި މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ބޭނުންވާ އިދާރީ އަދި ޤާނޫނީ އެންމެހައި ކަންކަން ލަސްނުކޮށް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދެއެވެ.


