މަމްސް އެއިޑްގެ 6 ވަނަ އަހަރީ ގާލާ އެންޑް ފަންޑްރައިސިންގް ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ޙަފްލާ ބާއްވާފައިވަނީ ވިލާ ކޮލެޖްގެ ކިއު އައި ކެމްޕަހުގައެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން،މެޑަމް ސާޖިދާ އެން.ޖީ.އޯތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ސަރުކާރުގެ އިދާރާތަކަށް ވާސިލުނުވެވޭ ފަރާތްތަކާ ހަމައަށް ވާސިލުވުމުގައި އެން.ޖީ.އޯތަކުގެ ދައުރު މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމާއި އަނިޔާއިން ރައްކާތެރިކުރުމުގައި މިފަދަ ޖަމްޢިއްޔާތަކުގެ ދައުރު ވަރުގަދަކުރުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ޙަފްލާގައި، މަމްސް އެއިޑްގެ ފާއިތުވި 6 އަހަރުގެ މަސައްކަތްތައް ހިމެނޭ ވީޑިއޯއެއް ދެއްކުމުގެ އިތުރުން، "ފަންޑް ރެއިޒަރ ފޮރ ހޯޕް ފޮރ މަމްސް ކެމްޕެއިން" އިފްތިތާޙުކުރެވުނެވެ. އަދި "2025 އިމްޕެކްޓަރ ޕާޓްނަރުން" އިޢުލާނުކުރެވުނެވެ.
ޙަފްލާގެ ނިމުމުގައި، މަމްސް އެއިޑަށް ޚިދުމަތްކޮށްދެއްވި 5 މެންބަރަކަށް ހަނދާނީ ފިލާ ދެއްވީ މެޑަމް ސާޖިދާއެވެ.
މި ޙަފްލާއަކީ މުޖުތަމަޢުގައި އެން.ޖީ.އޯތަކުގެ ދައުރު ފާހަގަކޮށް، އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގެ މަސައްކަތް ފާހަގަކުރި މުހިންމު ޙަފްލާއެކެވެ.


