Tuesday, 28 July 2026

އިންޑިއާގެ އާ ސަފީރު ރައީސް މުއިއްޒުއަށް ފަތްކޮޅު އަރުވައިފި

އިންޑިޔާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޖީ. ބާލަސުބްރަމަނިއަން މިއަދު މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އިންޑިޔާ ސަފީރު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަން ޖައިޝަންކަރުގެ ވެދުމާއި ސަލާން ރައީސް މުއިއްޒަށް ރައްދު ކުރައްވައިފަ އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި އިންޑީއާ ސަފީރު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މިވަގުތު އިންޑީއާގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތަކާއި، އަދި އެކި ދާއިރާތަކުން ކުރެވެމުންދާ އިންވެސްޓްމެންޓުތަކުގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ބައްދަލުވުން ނިންމަވައިލެއްވީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވައި އެއްބާރުލުން ދިނުން އިތުރުކުރައްވާނެ ކަމުގެ ޔަގީންކަން ބަދަލުކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *