Tuesday, 28 July 2026

އެމްޑަބްލިއުއެސްސީން 20 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައިފި

ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މާލެ ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ދަށުން 20 ރަށުގެ މަސައްކަތް ނިންމައިފި އެވެ.

އެމްޑަބްލިޔުއެސްސީން ވަނީ ފަސް ރަށެއްގެ ފެނުގެ ނިޒާމު ގާއިމުކުރުމާއި އަދި 15 ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށް ނިންމި ކަމަށް ބުނެފައެވެ.

ފެނުގެ ނިޒާމު ގާއިމުކުރި ރަށްތަކަކީ، ހއ. މުރައިދޫ، ށ. ފީވައް، ނ. ހެނބަދޫ، ރ. އިންނަމާދޫ، އއ.މަތިވެރި އެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށްފައިވާ ރަށްތަކަކީ، ހއ. ވަށަފަރު، ހއ. މާރަންދޫ، ހއ. ތަކަންދޫ، ހދ. ހިރިމަރަދޫ، ހދ. ކުމުންދޫ، ށ. ގޮއިދޫ، ނ. މާފަރު، ނ. ފޮއްދޫ، ރ. ފައިނު، ބ. ކަމަދޫ، ބ. މާޅޮސް، ޅ. އޮޅުވެލިފުށި، އދ. ކުނބުރުދޫ، އއ. ހިމަންދޫގެ އިތުރުން އއ. ފެރިދޫ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ މަޝްރޫއުގެ ދަށުން ރަށްރަށުގައި ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށް، ފެން އުފެއްދުމަށް ބޭނުންވާ ފެން ޕްލާންޓާއި އެހެނިހެން ވަސީލަތްތައް ގާއިމްކޮށް، ފެން ރައްކާކުރުމަށް ތާނގީ ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ.

މިއީ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށް، ސަރުކާރުން ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެކެވެ. މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 1.34 ބިލިއަން ރުފިޔާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *