ރާއްޖެ އިން ޗައިނާއާ އެކުގައި ސޮއިކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އަމަލުކުރަން ފަށައިފިއެވެ.
ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކަށް ފަހު ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު، އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ފާސްވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އެކަމަކު، އެއަށް ފަހުގައި އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެއް ނުވެއެވެ.
ޗައިނާއާ އެކު ގާއިމުކުރާ އެފްޓީއޭ އާއި އެންމެ ފަހުން ސޮއިކުރި ފަހުމުނާމާއާ އެކުގައި ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. މިގޮތުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ %91 ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭއިރު، ޑިއުޓީ ނުދައްކައި، ދިވެހި ރުފިޔާއިން ޗައިނާ އިން މުދާ ގަނެވޭ ގޮތް ވުމުން، ދިވެހި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ.
އިކޮނޮމިކް މިނިސްޓްރީއިން ވަނީ މިއަދުން ފެށިގެން މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާ ކަމަށާއި މިއީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގްތިސާދީ ދާއިރާގެ އިތުރުން އިންވެސްޓްމެންޓް ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެޅިގެންދިޔަ މުހިންމު ތާރީހީ ބިންގަލެއްކަން ފާހަގަކޮށްފައެވެ.
މިނިސްޓްރީއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ރަނގަޅުވެ އެއް ގައުމުން އަނެއް ގައުމަށް އެކްސްޕޯޓްކުރެވޭ މުދާ އިތުރުކުރެވި، މުދަލުގެ އަގުހެޔޮވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އަދި އިންވެސްޓްމެންޓްތައް އިތުރު ކުރެވޭނެ ކަމަށެވެ.
އަދި ވިޔަފާރީގެ އައު ފުރުސަތުތައް އިތުރުވެ، އެއްގައުމުން އަނެއް ގައުމުގެ މާކެޓަށް ވަނުމަށް ފަސޭހަވެ އެކަމުގެ ފައިދާ ކުރާނޭ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ވިޔަފާރީގެ ދާއިރާއަށް ލުއިފަސޭހަތައް ގެނައުމަށްޓަކައި، ރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ގިނަ އަދަދަކަށް ހިންގާ ބޮޑެތި މާކެޓްތަކާއެކު މިފަދަ ކަރަންސީ ސެޓްލްމަންޓް އެރޭންޖްމަންޓްތައްް ހެދުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިސްކަން ދެއްވާ ކަމެކެވެ.


