Tuesday, 28 July 2026

ސީރިއާގެ "އެޗްޓީއެސް" ޖަމާއަތަކީ ނިރުބަވެރި ޖަމާއަތެއް ކަމަށް ރާއްޖެއިން ކަނޑައަޅާފައި އޮތް އޮތުން ދަމަހައްޓައިފި

ސީރިއާގައި އޮތް ޒަމާންވީ ވެރިކަން ވައްޓާލައި ގައުމު ހިންގުމާ ހަވާލުވި ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތަކީ ނިރުބަވެރި ޖަމާއަތެއް ކަމަށް ރާއްޖެ އިން ކަނޑައަޅާފައި އޮތް އޮތުން ދަމަހައްޓައި ނިރުބަވެރި ޖަމާއަތްތަކުގެ ލިސްޓު އަނެއްކާވެސް އާންމުކޮށްފިއެވެ.

މި ލިސްޓު އެންމެ ފަހުން އާންމުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ލިސްޓު އެކުލަވާލައި އާންމުކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

އެ އިއުލާނުގައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު ނުވަ ވަނަ ދުވަހު ކަނޑައަޅައިފައިވާ ލިސްޓަށް އިތުރު އިސްލާހެއް ގެންނަން ނުޖެހޭ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމައިފައިވާ ކަމަށެވެ.

އެ ލިސްޓުގެ އެންމެ ކުރީގައި ހިމަނައިފައިވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އަލްގައިދާގެ ޖަމާއަތްތަކާއި, ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރި އަލް ނުސްރާ ފްރޮންޓް ނުވަތަ ޖަބްހަތު އަލް ނުސްރާއެވެ.

ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ކަނޑައެޅި ލިސްޓް:

* އިސްލާމިކް ސްޓޭޓް
* އަލް ގައިދާ
* ޖަބްޙަތުއް ނުސްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
* ލަޝްކަރޭ ޠައިބާ
* އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
* އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
* އަބޫ ސައްޔާފް ގްރޫޕް
* ބޯކޯ ހަރަމް
* އަލް ޝަބާބް
* އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
* ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ)
* ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
* ޖައިޝޭ މުޙައްމަދު
* އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
* ނޭޝަނަލް ތައުޙީދް ޖަމާޢަތް
* ޖަމާޢަތު މިއްލަތޭ އިބްރާހީމް
* ވިލާޔަތް އަލް ސޭލާނީ
* ހައިއަތު ތަހްރީރު އަލް ޝާމް
* ހުއްރާސް އައް ދީން
* ޖަމާ އަންޝާރުއް ދައުލާ (ޖޭއޭޑީ)

އެއަށްފަހު އެ ލިސްޓުގައި އޮތީ އެޗްޓީއެސް ކަމަށްވާއިރު، އެ ލިސްޓު އެންމެ ފުރަތަމަ އެކުލަވާލި ތާރީޚު ކަމަށްވާ އޮކްޓޯބަރު 31، 2019އިން ފެށިގެން އެޗްޓީއެސް އެ ލިސްޓުގައި އޮވެއެވެ.

މީގެ އިތުރުން 2019ގައި އޮތް ގޮތަށް، ސީރިއާގެ ހުރިހާ ސަރަހައްދެއް ވެސް އަދިވެސް ކަނޑައަޅައިފައިވަނީ ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *