ކެބިނެޓަށް މިދިޔަ ހަފްތާގައި ގެނައި ބަދަލާ އެކު، ދެ މިނިސްޓްރީއަށް އިނގިރޭސި އަދި ދިވެހި ބަހުން ކިޔާނެ ނަން ރައީސް މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އަށް، ދިވެހިބަހުން ކިޔާނެ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަށް ދިވެހިބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އެވެ.
ރައީސް ވަނީ ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައި، އެ މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ މުއްތަލިބާ ހަވާލުކުރައްވާފައެވެ.
އަދި ފިނޭންސް މިނިސްޓްރީގެ މެންޑޭޓަށް ކުރިން ހައުސިން މިނިސްޓްރީގެ ދަށުން ހިންގި ޕްލޭނިންގެ މަސައްކަތް ބަދަލުކުރައްވާ އެ މިނިސްޓްރީއަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ނަމުން ނަން ދެއްވާފައެވެ.


