Tuesday, 28 July 2026

ރޭގެ އެކްސިޑެންޓުގައި ފުލުސް އޮފިސަރުގެ އިހުމާލެއް އޮތްތޯ ބަލަމުންދާކަމަށް ފުލުހުން ބުނެފި

ރޭ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސައިކަލަކާއި ފުލުހުންގެ ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ފުލުސް ކާރު ދުއްވަންއިން އޮފިސަރުގެ އިހުމާލެއްވޭތޯ ތަހުގީގު ކުރަން ފަށައިފި އެވެ.

ހުޅުމާލެ ފޭސް 2 ގައި ރޭ 01:50 ހާއިރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 18 އަހަރުގެ ފިރިހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. އެ އަނިޔާތަކާއި ގުޅިގެން އެ ޒުވާނާ އަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލަތު ސީރިއަސްވުމާ ގުޅިގެން މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައި ކަމަށް ފުލުހުން ބުންޏެވެ. މިވަގުތު އޭނާއަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ ކާރެއްގައި، ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ޖެހިގެންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވެގެން އެ ގާނޫނުގެ ދަށުން މި މަހުގެ 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ އެ ހިދުމަތުން ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމުގަ އެވެ. އެފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *