އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު، މަސްޖިދުލްއަގްސާއަށް ވަނުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ދިވެހި ހާރިޖީއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ މިއީ އިސްލާމީ މުޤައްދަސް ބިނާތަކުގެ ޙުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ޙައިޘިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންދާ އަމަލެއް ކަމަށާއި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ވެސް ހިލާފު އަމަލެއް ކަމަށެވެ.
އަދި މިއީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނާއިއެކު ދުނިޔޭގެ ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށްވެސް ބުނެފައިވެ އެވެ.
އަދި މިފަދަ އަނިޔާވެރި އަމަލުތައް ހިންގުން ހުއްޓުވުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުން ކަށަވަރު ކުރުމަށް ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ޞުލްޙަވެރި ޙައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުމުން ކަމަށް ސަރުކާރުން ދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.


