ކުރީ ސަރުކާރުގައި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގަށް އެ ކުންފުނީގެ ކުރީގެ ވެރިންގެ އިލްޓްރޯނިކް ސާމާނުތައް ފުލުހުން ހިފަހައްޓައިފި އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ކޯޓު އަމުރުތަކެއް ހިފައިގެން ގޮސް ރޭ ބަލައި ފާސްކޮށްފައި ވަނީ މޫކޭގެ އެޕާޓްމަންޓަކާއި އޭނާގެ އަންހެނުންގެ އެޕާޓްމަންޓެއްގެ އިތުރުން ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ދެން އަމާޒުވާ ޔާސިރު ހަސަން ދިރިއުޅޭ އެޕާޓްމަންޓެެވެ.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ އެ ތަންތަން ބަލައި ފާސްކުރުމުގެ އިތުރަށް، އިލެކްޓްރޯނިކް ސާމާނުތައް ވެސް ހިފަހައްޓާފައިވާ ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލައެއްގައި މޫކޭ އާއި އޭނާގެ އަންހެނުން އަދި ކުރިން އާރުޑީސީގެ ވެރިއަކަށް މަސައްކަތް ކުރެއްވި ބޭފުޅެއް ދިރިއުޅުއްވާ އެޕާޓްމަންޓް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރާ އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެންމެ ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވި އެއް ކުންފުންޏަކީ ވެސް އާރުޑީސީއެވެ.
ފުލުހުންނާއި އޭސީސީ ގުޅިގެން މީގެކުރިން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ފުލުހުން ބުނީ އާރުޑީސީއާ ގުޅޭ ހިޔާނާތުގެ ބޮޑު މައްސަލަ ތަހުގީގު ކުރަނީ އޭސީސީއާ ގުޅިގެން ކަމަށާއި 2022 ސެޕްޓެންބަރު މަހު ހުށަހެޅުނު މި މައްސަލާގައި އާރުޑީސީގެ ގިނަ މުވައްޒިފުންތަކެއް ބައިވެރިވެފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަަމަށެވެ.
އެގޮތުން އާރުޑީސީގެ ތިން މީހެއްގެ އެކައުންޓަށް އެކި ފަހަރުމަތިން 14 މިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އެކެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.


