Tuesday, 28 July 2026

އާންމު ތަންތަނުގައި އިސްލާމްދީން ފިޔަވައި ދީންތަކުގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާކަމެއް: އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފާޅުކޮށް، ހަރަކާތްތައް ހިންގުމަކީ މަނާކަމެއްކަމަށް ކްރިސްމަސްއާ ދިމާކޮށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވައި ހުރިހާ ރަށު ކައުންސިލަކަށް ފޮނުވި މި ސާކިއުލާގައި ބުނެފައިވަނީ، އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކުންނާއި ޓޫރިސްޓުން ގެންނަ ފަރާތްތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ މީހުންނަށް އިރުޝާދު ދޭންވާނެ ކަމަށެވެ.

އެ ގަވާއިދުގައި ބުނާ ގޮތުން، ރާއްޖޭގައި އުޅޭ ޣައިރު މުސްލިމުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑުގޮތެއްގައި އެ މީހުންގެ ދީނީ ޝިއާރުތައް ފާޅުކުރުމާއި އާންމު ތަންތަނުގައި ޖަމާއަތް ހަދައިގެން އެ ކަހަލަ ދީނީ ހަރަކާތެއް ހިންގުން އަދި އެ މީހުންގެ އެ ކަހަލަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ އެއްވެސް އާންމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ، ކަނޑައެޅިގެން މަނާކަމެއް ކަމަށެވެ.

އަދި ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ވެސް އެ ކަހަލަ ތަންތަން ހިންގުމުގެ ގަވާއިދާ އެއްގޮތަށް އުޅުމަށާއި އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ ކަހަލަ ހެދުމެއްގައި އުޅުމަށް ޓޫރިސްޓުން އިރުޝާދު ދިނުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

"އެހެންކަމުން، ރާއްޖެއިން ބޭރުން ރާއްޖެއަށް މީހުން ގެންނަ ފަރާތްތަކުން މި މައުލޫމާތު އެ ފަރާތްތަކަށް ސާފުކޮށްދީ، އިރުޝާދު ދިނުމަށް ދަންނަވަމެވެ،" މިނިސްޓްރީގެ ސާކިއުލާގައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *