Wednesday, 29 July 2026
ފޮޓޯ: ސިޑިބަރި

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުއްޓަށް

އަތޮޅުތަކަށް އަމާޒުކޮށް ބޭއްވި ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުށި ރޭ ހޯދައިފި އެވެ.

ރާއްޖޭގެ ވަރުގަދަ 17 ރަށަކުން ގޯލްޑް ކަޕްގައި ވާދަކުރި އިރު، ރޭ އޭދަފުށިން ތަށި ޔަގީންކުރީ ގައުމީ ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލުގައި 2-0 އިން އައްޑޫ ސިޓީ ބަލިކޮށްގެންނެވެ.

އޭދަފުއްޓަށް އެ ދެ ލަނޑު ޖެހީ މަޝްހޫރު އަލީ ފާސިރު (ސެންޓޭ) އާއި އޭނާގެ ބޭބެ މުހައްމަދު ފާސިރު އެވެ.

ގޯލްޑް ކަޕަކީ އަތޮޅު ތެރޭގައި ރަށްތަކާއި ސިޓީތަކަށް ފޯކަސް ކޮށްގެން ބޭއްވި މުބާރާތަށްވީ އިރު، އެ މުބާރާތް މިރޭ ނިމިގެން ދިޔައީ ސަޕޯޓަރުންގެ ފޯރިއާއެކު ކާމިޔާބު މުބާރާތެއްގެ ގޮތުގައެވެ. މިވަގުތު ކްލަބު ފުޓުބޯޅަ ވަޅުޖެހި، އެއްވަނަ ޑިވިޝަން ވަރަށް ބޮޑަށް ގެއްލިފައި އޮއްވާ ގޯލްޑް ކަޕް ބާއްވާފައިވާ އިރު، މުބާރާތް ނިމިގެން ދިޔައީ މުޅިން އާ ފޯރިއެއް ގެނުވައިފައެވެ.

ގަލޮޅު ދަނޑުގައި އައްޑޫގެ ޓީމަކުން އޭދަފުއްޓާއި ދެކޮޅަށް މި ނުކުތީ 36 އަހަރަށް ފަހު އެވެ. މީގެ ކުރިން އޭދަފުއްޓާއި ދެކޮޅަށް ގަލޮޅު ދަނޑުގައި މެޗަކަށް ނުކުތީ 1988 ގަ އެވެ. ސ. ފޭދޫ ޓީމުން އޭދަފުއްޓާ ދެކޮޅަށް ކުޅުނު އެ މެޗު ނަތީޖާ ބުރަވީ އޭދަފުށީގެ ކޮޅަށެވެ. އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 ންނެވެ.

ރޭގެ މެޗަށް އޭދަފުއްޓާއި އައްޑޫ ސިޓީން ވަނީ ފޯރިއާއެކު ތައްޔާރުވެފައެވެ. ޓިކެޓް ވިއްކަން ފެށުމާއެކު ބޮޑެތި ކިއު ޖެހިގެން ދެ ރަށުގެ ސަޕޯޓަރުންވެސް ޓިކެޓް ނަގާފައިވާ އިރު، އައްޑުއަށް މަދުން ޓިކެޓް ވިއްކި މައްސަލައެއްވެސް ފެންމަތިވެފައިވެއެވެ.

އެހެން ނަމަވެސް ގޯލްޑް ކަޕުން ބުނީ އެގޮތަށް ޓިކެޓް ވިއްކީ ޖާގައިގެ ގޮތުން ބަލައި، ހޯމް ޓީމަށް ފައިދާ ވާގޮތަށް ކަމަށެވެ. އަދި ފަހުން އިތުރު ޓިކެޓް ވިއްކާފައިވާ އިރު، ރޭގެ ފައިނަލަށް މުޅި ރާއްޖެ އޮތީ އިންތިޒާރުގައެވެ. އައްޑޫން ހާއްސަ ފްލައިޓްތައް އަޅައި، އޭދަފުށިން އެކި ގޮތްގޮތުން ލޯންޗު ހިފައިގެންވެސް ރޭ މެޗަށް ސަޕޯޓަރުން ގެންގޮސްފައިވެއެވެ.

ސަޕޯޓަރުންގެ މެދުގައި އޭދަފުއްޓަށް 'ބުރެޒިލް’އޭ ކިޔާތީ އެމީހުން ތިބީ ބްރެޒިލްގެ ދިދަ ވެސް ހިފައިގެންނެވެ.

ފާސިރުގެ ދެބެއިންގެ ގޯލުތަކާ އެކު ގޯލްޑް ކަޕްގެ ފުރަތަމަ ޗެމްޕިއަނުންނަކީ އޭދަފުއްޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *