ރާއްޖޭގެ ޒަކާތު ހައުސްއިން ހަދިޔާކުރި އެހީގައި ގާޒާގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދީފިއެވެ.
އިއްޔެ ގަތަރު ރެޑް ކްރެސެންޓުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ޒަކާތު ހައުސް އިން ދިން ފައިސާގެ އެހީ ބޭނުން ކޮށްގެން ޣައްޒާގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގް ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށެވެ.
ގާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ރާއްޖޭގެ ޒަކާތު ފަންޑުން ހަދިޔާކޮށްފައިވަނީ އެއްލައްކަ ޑޮލަރެވެ. އެ ފައިސާ ހަވާލުކޮށްފައިވަނީ ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީ އާއެވެ. އެކަމުގެ އެއްބަސްވުމުގައި މިދިޔަ ނޮވެމްބަރު މަހު އިސްލާމިކް މިނިސްޓްރީއާއި ގަތަރު ރެޑް ކްރެސެންޓާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަށް އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ.
ގަތަރު ރެޑް ކްރެސެންޓުން ހާމަކުރިގޮތުގައި ބޭނުން ޖެހިފައިވާ 60،000 މީހުންނަށް އެ ފައިސާ ބޭނުން ކޮށްގެން އެހީގެ ގޮތުގައި 50،000 ކޭސް ފެން ފޯރު ކޮށްދީފައިވެއެވެ.
އަދި އޭގެ ތެރެއިން 6000 ކޭސް ފެން ޣައްޒާ އަލް-ޝިފާ ހޮސްޕިޓަލް އަދި އަލް-ހަޔަަތު ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް ހަދިޔާ ކޮށްފައިވާ ކަމަށް ޕޯސްޓުގައި ވެއެވެ.


