ފުލުހުން ވަނީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ދިރިއުޅޭ މ. ޒޭވަރު ގެ ބަލައި ފާސްކޮށްފައެވެ. މިއީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ ތެރެއިން ކުރި ކަމެކެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ. އަދި މި ބަލައި ފާސްކުރުމުގައި ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އިބްރާހީމް ފަޒުލް ރަޝީދު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި ކުށްތަކެއްގެ ތުހުމަތު ކުރެވި، ދައުލަތުގެ އިދާރާތަކުން އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ވަގުތެއްގައެވެ. އަދި މުޙައްމަދު ފަޒީލް ރަޝީދު މަޤާމުން ސަސްޕެންޑް ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
މި މައްސަލަތައް ފެންމަތިވުމާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ފަޒުލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ތުހުމަތުކުރެވޭ ހުރިހާ ކަމަކަށްވެސް އިންކާރުކުރައްވާފައެވެ. އަދި އެ ކަންކަމަށް ޖަވާބުދާރީވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ފުލުހުން މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާއިރު، އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ބުނެފައިވެއެވެ.


