ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ގަރާރަށް ދިވެހިރާއްޖެއިން ތާއީދުކޮށްފިއެވެ. މި ގަރާރު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އދގެ އާއްމު މަޖިލީހުން ފާސްކޮށްފައެވެ.
ނޯވޭގެ އިސްނެގުމާއެކު ހުށަހެޅުނު މި ގަރާރަށް ދިވެހިރާއްޖެ ހިމެނޭގޮތަށް 137 މެމްބަރު ގައުމުން ވަނީ ވޯޓު ދީފައެވެ. ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދަމަހައްޓަން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ފަލަސްތީނަށް އދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ގޮވާލައްވާފައެވެ. އަދި އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.


