ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ހުރި މައްސަލަތައް ފާހަގަކޮށް އެ ކުންފުނީގެ ކުރީގެ ޗެއަރމަން އަޙްމަދު ޒުހޫރު ފޮނުވި ކަމަށް ބުނާ ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެފަދަ ސިޓީއެއް ލިބިވަޑައިގެންނެވި ނަމަ، މާ ކުރިން އެ މައްސަލައިގައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ކޮރަޕްޝަނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގައި އެމަނިކުފާނު ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ސިޓީއެއް އަޅުގަނޑަށް ލިބި، ޢަމަލުނުކޮށް އޮތް ކަމަށް ބުނެ ދައްކާ ވާހަކައަކީ ޙަޤީޤީ ވާހަކައެއް ނޫން. ލިބިފައެއް ނެތް ސިޓީއެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދައާއި ނުގަވާއިދުން ހިނގާ ކަންކަމާ ދުރުވެފައިވާ ސަރުކާރަކަށް ހެދުމަކީ އެމަނިކުފާނުގެ ވަޢުދެއް ކަމަށާއި، އެ ވަޢުދުގެ މަތީގައި ދެމިހުންނެވި ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ތަނެއްގައި ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ހިނގުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކާ ޚިލާފަށް، މި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު އަޅައި ދޫކޮށްނުލާނެ ކަމަށާއި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރާނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ.


